
ރައީސްގެ ޚާއްޞަ ޕޯލެއް : ދުންފަތް މަނާކުރާ އުމުރުފުރާ ކަނޑައެޅުމަށް އާންމުންގެ ޚިޔާލަށް!
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕޯލެއް ހުޅުވާލައްވައިފިއެވެ.
މިއަދު ހުޅުވާލި ތާރީޚީ ޕޯލަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. މި ޕޯލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ އެކްސް ، ފޭސްބުކް ، އަދި އިންސްޓަގްރާމް މެދުވެރިކޮށް ރައްޔިތުންނަށް ވޯޓުލެވޭނެއެވެ.
މި މައްސަލަ ހައްލުކުރުމަށް "ޖެނެރޭޝަން ބޭން" އެއް މުހިންމު ކަމަށާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ހެލްތް މިނިސްޓަރަށް އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، 3 ގޮތަކަށް ދުންފަތް ހުއްޓުވުމަށް ހުށަހެޅުއްވުމަށް ވިސްނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޯލްގައިވަނީ އިޚްތިޔާރީ 3 ގޮތެއް ހިމަނާފައެވެ. އެގޮތުން 2000 ވަނަ އަހަރާއި، 2004 ވަނަ އަހަރު، ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައި ތިބި ކުދިންގެ ތެރެއިން ޖެނެރޭޝަން ބޭން ކަނޑައަޅުއްވާނީ ކޮން އުމުރުފުރާއަކުންތޯ ރައްޔިތުންގެ ވޯޓަށް މިވަނީ ހުޅުވާލެވިފައެވެ. އެހެންކަމުން ދުންފަތް މަނާކުރަން ރައީސް ވިސްނަވާފައިމިވަނީ 25 އަހަރު، 21 އަހަރު، ނުވަތަ 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ.
ޕޯލް ކުރިއަށްދާނީ މިއަދުން ފެށިގެން 5 ދުވަހަށެވެ. މިހާތަނަށް ބަލާއިރު ގިނަބަޔަކު ވޯޓު ލާފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ބޭނުންވާ ކަމަށެވެ.