Article Image

ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއް، ސަޢުދީއާއެކު ގާތްގުޅުމެއް ބާއްވަން ބޭނުންވޭ: ރައީސް

ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއްކަަށާއި، އެ ޤައުމާއިއެކު ވަރަށް ގާތްގުޅުމެއް ބާއްވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ސަފީރު މަރުތެކްގެ ދައުރުގައި ދެއްވި މުހިންމު އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.