
އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދެވޭނެ: ރައީސް
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެމަނިކުފާނުގެ ދަތުރުފުޅުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރިން މާލޭގެ މޭޔަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ކުރިން މާލޭގެ ރައްޔިތުންގެ ގެތަކަށް ޒިޔާރަތް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމަށާއި އެވަޢުދުވެސް ފުއްދަވާފައިވާނެ ކަމަށެވެ. ހަމައެގޮތަށް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުވެސް ފުއްދަވާނެ ކަމަށާއި، އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅު މެދުކެނޑުމަކަށްފަހު އަންނަ މެއި މަހު އަލުން ފަށްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެކެވެ. އެގޮތުން، އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރޯދައަށް މެދުކަނޑާލީ. މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ. އެކަމަކު އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން. ރާއްޖޭން ބޭރުގެ ދަތުރުތައްވެސް ހުންނާނެ. އެހެންވެ މިހާރު އަޅުގަނޑުގެ ޕްލޭނަކީ އޯގަސްޓް މަހުގެތެރޭ ކޮންމެވެސް ހިސާބެއްގައި ހުރިހާ ރަށަކަށް ގޮސް ނިންމޭތޯ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޯގަސްޓް މަހުގެ ނިޔަލަށް ދަތުރުތައް ނިންމަވާލެއްވުމަށް މިހާރު ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. ދެން އެންމެ އަވަހަށް ދަތުރު ފަށްޓަވާނީ މ. އަތޮޅު މުލިން ކަމަށާއި، އެދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއަރޕޯޓް ހުޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.