ތިމަރަފުށީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ޙާސިލުކުރުމަށް މަސައްކަތް ކުރާނަން: ރައީސް
ކޮޅުމަޑުލު ތިމަރަފުށީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ޙާސިލުކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރޭ ކޮޅުމަޑުލު ތިމަރަފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރޭ ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހާސިލުކުރުމަށް ސަރުކާރަށް ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.ރޭގެ ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުންވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާނެ ކަންތައްތަކާއި، ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.
އެގޮތުން ބަނދަރު މަރާމާތުކޮށް، ބޭރުތޮށިލުމަކީ މިވަގުތު ކައުންސިލުން ބޭނުންވާ އެންމެ މުހިންމު އެއްކަންތައްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށުގައި ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ކަމަށާއި، ނިމިފައިހުރި ހައުސިންގ ޔުނިޓްތައް ހުންނަ ސަރަހައްދުގައި އަސާސީ ޚިދުމަތް ލިބޭނެ މަގުފަހި ކޮށްދެއްވުމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.ރޭގެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް ވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އ.ތ.މ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ޤާނޫނަށް ބަދަލު ގެނެސްގެން ކުރެވެންހުރި ކަންކަން ޤާނޫނުގެ ތެރެއިން ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.