Article Image

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު, މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" :ރައީސް

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު, ކަމަށާއި އެއީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލުގެ 98 ވަނަ އަހަރީދުވަހުގެ މުނާސަބުތަގައި ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދުވަހުގެ ތަހުނިޔާ މަޖީދިއްޔާ ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ.

މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް. މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ރައީސް

ރައީސް ވިދާޅުވީ މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކުގައިކަމަށެވެ.

ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ޚިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުޢާތަކާ އެކު: ރައީސް

ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްދުއްދީން 3ގެ އިސްނެންގެވުމާއެކުގައެވެ. މިހާރުގެގޮތުން ނަމަ އެއީ މަޖީދިއްޔާ ސްކޫލެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ.

2027 ވަނަ އަހަރު މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭއިރު، އެސްކޫލަށް 100 އަހަރު ފުރުމާއި ދިމާކޮށް 1000 ދުވަހުގެ ކައުންޓްޑައުންއެއް މިދިޔަ އަހަރު ވަނީ ފަށާފައެވެ. ސަރުކާރުން ވަނީ މަޖީދިއްޔާއަށް ގަރުނެއް ފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމަވާފައެވެ.