Article Image

ދިވެހި އަސްކަރިއްޔާގެ މަގުމަތީ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މަގުމަތީގެ ހިނގާލުން ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފްވެރި ކޮށްދެއްވައިފިއެވެ.

މިއަދުގެ އަސްކަރިއްޔާގެ ހިނގާލުމުގައިކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ ސިފައިންނާއި އުޅަނދުތައް ވަނީ ދައްކާލާފައެވެ.

ޝަރަފުގެ ހިނގާލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ދިފާޢީ ވަޒީރު ޣައްސާން މައުމޫނުއާއި ސަރުކާރުގެ ވަޒީރުންނާއި، އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މި ހިނގާލުން ބަލާލުމަށް ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު އެ ހިނގާލުން ކުރިއަށްދިޔަ ސަރަޙައްދުތަކަށް ވަނީ ޖަމާވެފައެވެ.

ޤައުމީ ދިފާޢީ ބާރުގެ ޝަރަފުގެ ހިނގާލުން ފެށީ ބަންޑާރަކޮށިންނެވެ. ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާ ކޮށްޓަށެވެ. ޝަރަފުގެ ހިނގާލުމުގައި ސިފައިގެ ލަޝްކަރު މާލޭގެ ފަސް ސަރަޙައްދަކަށް މަޑުކޮށް، އެކި ހުށަހެޅުންތައް ހުށަހަޅައިދީފައިވެއެވެ.ދިފާޢީ ބާރުން ފާހަގަކުރައްވާގޮތުގައި މި ހިނގާލުމުގެ ބޭނުމަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ބުނެދީ، ޤައުމުގެ ދިފާޢުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަ އޮތުން ދައްކުވައިދިނުންކަމަށެވެ. އަދި ރައްޔިތުންނާއި ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަކީވެސް މި ހިނގާލުމުގެ ވަރަށް ބޮޑު މަޤުޞަދެއްކަމަށް ދިފާޢީ ބާރުން ފާހަގަކުރެއެވެ.