Article Image

އިސްލާމީ ޔުނިވަރސިޓީގެ ޖާގައާއި ވަސީލަތްތައް ފުރިހަމަކުރުމާއި، ޔުނިވަރސިޓީގެ ކުރިއެރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް އުފަލާއެކު ކޮށްދޭނަން: ރައީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖާގައާއި ވަސީލަތްތައް ފުރިހަމަކުރުމާއި، ޔުނިވަރސިޓީގެ ކުރިއެރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް އުފަލާއެކު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އައިޔޫއެމްގެ ކުރިމަގު، ސަރުކާރުން ވަރަށް އިސްކަންދީގެން ބައްޓަންކުރައްވާނެކަމަށާއި، ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭހެން އައިޔޫއެމްގެ ކުރިމަގަށް، އެ މުވައްސަސާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެކަމަށެވެ.އައިޔޫއެމްގެ ތަރައްޤީއަށް މިހާރު ކުރައްވަމުންދާ އެންމެ ބޮޑު މަސައްކަތަކީ، އައިޔޫއެމްއަށް އާ އިމާރާތެއް އަޅައިދިނުމުގެ މަސައްކަތްތަކަމަށާއި އެކަމަށް ބޭނުންވާ ބިންވެސް މިހާރު ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އައިޔޫއެމްގެ އާ އިމާރާތް އެޅުމަށް ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖެހިފައިވަނީ މިހާރު. އައިޔޫއެމްގެ ކުރިމަގު ބައްޓަން ކުރުމަކީ ޢަމާޒު. ޖާގައާއި ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް އުފަލާއެކު ކުރިއަށްގެންގޮސްދޭނަން. ރައީސް

ސަރުކާރުން ތަޢުލީމީ ދާއިރާއަށް ބޮޑު އަޙަމިއްޔަތުކަމެއްދޭކަން ފާހަގަކުރައްވާ ރައީސް ގޮވައިލެއްވީ ކިޔަވައިގެން ނުކުންނަ ދަރިވަރުންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށެވެ. އެގޮތުން އެންމެ ބޮޑު ޒިންމާއަކަށްވާނީ ތަޢުލީމީ ހެޔޮލަފާ މުޖުތަމަޢުއެއް ބިނާކުރުންކަމަށާއި، ކިޔަވައިގެން ނުކުންނަ ކޮންމެ ދަރިވަރެއް ވާންވާނީ ހެޔޮކަމަށް ގޮވާލާ އަދި ނުބައި ކަންކަން ނަހީކުރާ މުޖުތަމަޢުއެއް ބިނާކުރުންކަމަށް މަސައްކަތްކުރާ މީހަކަކަށްކަމަށް ރައީސް މުޢިއްުޒު ވިދާޅުވިއެވެ.