
ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ފަޚުރުވެރިވާންޖެހޭ: ރައީސް
ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް، ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާމެދު، ލަދުގަންނަން ނުޖެހޭކަމަށާއި، ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް އެކަންކަމާއިމެދު ފަޚުރުވެރިވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީން ދިނުމާއި، ސިފައިންގެ ބާރު ވަރުގަދަކުރުމާއި، މިކަންކަމަކީ އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭނޭ ކަންކަން. ސިފައިންނަށް އެކި ތަކެތި ހޯދައިދިނީމަ އެކަމާއި ލަދު ގަންނަންޏާ އެމީހެއްގެ އަމިއްލަ ނަފްސާއި އެބަޖެހޭ ސުވާލުކުރަން ތިމަންނާގެ ޤައުމީ ލޯބި އޮތީ ކިހާހިސާބެއްގައިތޯ: ރައީސް
މިނިވަންކަމާއެކު ރާއްޖެ މިހާހިސާބަށް އައިސްފައި މިވަނީ ދިވެހި ސިފައިން ބޮޑެތި ޤުރުބާނީތަކެއްވެގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަށް އެކިއެކި ފަހަރުމަތިން ކުރިމަތިވި އުދުވާނީ ނުރައްކާތަކުން އަދި އެކި ހާދިސާތަކުގެ ހާލަތްތަކުގައި އާއި، އަދި ދިވެހި ރައްޔިތުން އެދުނު ކޮންމެ ކަމެއްގައިވެސް ދިވެހި ފަހުރުވެރި ލަޝްކަރު ވަނީ ވަރުގަދަ މަސައްކަތްތަކެއްކޮށްފައިކަމަށެވެ.
އެމަނިކުފާނު ރާއްޖޭގެ ޒަަޢާމަތާއި ހަވާލުވުމަށްފަހު އެންމެ އިސް ވާޖިބެއްކަމަށް ދެކެވަޑައިގެން މަސައްކަތްކުރައްވަނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ވާސިލުކޮށްދެއްވުމުގެ މަސައްކަތްކަމަށާއި، އެ މަސައްކަތުގެ އެންމެ މުހިއްމު ބައިވެރިންނަކީ ދިވެހި ސިފައިންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަސްކަރިއްޔާގެ ތަރައްޤީއާއި ޤާބިލްކަން އިތުރުކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްތަކެއް ކޮށްފައިނުވާއިރު، އެހާލަތަށް ދިޔައީ ކީއްވެތޯ ރައްޔިތުން ސުވާލުކުރަންޖެހޭކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.މީގެ އިތުރުން ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު މި ސަރުކާރުން އަސްކަރިއްޔާގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކޮށް، ކުރިއެެރުންތަކެއް ހޯއްދަވައިދެއްވާފައިވާކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ މަސައްކަތަށް ފާޑު ކިޔާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް އަސްކަރިއްޔާއަށް އަންނަ ކުރިއެރުންތަކާމެދު ފަޚުރުވެރިވާންޖެހޭނެކަމަށެވެ. އަދި އެ މަސައްކަތަށް ފާޑުކިޔައި، މަލާމާތްކޮށް ހަދާ ފަރާތްތަކުގެ ވިސްނުންތަކުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.