
ޤާނޫނީ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން، ނުވެސް ކުރާނަން: ރައީސް
ޤާނޫނީ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި، އަދި ނުވެސް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ .މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި، ނުވެސް ކުރައްވާނެ ކަމަށެވެ.
މިއާއިއެކު ރައީސް ވިދާޅުވީ އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، އަދި ޢާއިލީ ތިމާގެ ކަމަކަށް، ނުވަތަ ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ދާދިފަހުން ހިނގައިދިޔަ ހާދިސާއެއްގައި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިބި ފަރާތްތަކެއްގެ ބައިވެރިވުން އޮތްކަން ފާހަގަވެ އެމީހުންނަށް ފިޔަވަޅުނާޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. މިއަދުގެ ވަގުތެއްގައި ވަނީ އެ ފަރާތްތައް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެސް ކޮށްފައެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިކަމުގައި ބައިވެރިވި ހުރިހާ ފަރާތެއްގެ ވަނަވަރުވެސް ހާމަކޮށްފައެވެ.