އެކުވެރި ޢަރަބި އިމާރާތުގައި ތިބި ދިވެހި ކިޔަވާކުދީންނާ އެ ޤައުމުގައި ދިރިއުޅޭ ޢާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
އެކުވެރި ޢަރަބި އިމާރާތުގައި ތިބި ދިވެހި ކިޔަވާކުދީންނާ އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ބައްދަލުކުރައްވައިފި. މި ބައްދަލުކުރެއްވުމުގައި 200 އަށްވުރެ ގިނަ ދިވެހީން ބައިވެރިވި.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދީންނާ ދިވެހީނަށް އިސްލާމް ދީނާ ދިވެހިބަހާ ދިވެހި ޤައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމް ދިވެހި ސަފާރާތައް މެދުވެރިކޮށް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގައި ވިދާޅުވި.
އަދި މީގެ އިތިރުން ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކުން އެންމެ އިސްކަން ދޭންޖެހޭނީ އެ ޤައުމުތަކަށް ޒިޔާރަތްކުރާ އަދި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ހާލުއަހުވާލު ބަލައި ކަންކަން ފަހިކޮށް ދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.
ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ޒިޔާރަތެއްގައިވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން ދިވެހީންނާ ބައްދަލުކުރައްވާ ހާލުއަހުވާލު ބައްލަވައި ސަރުކާރުން ފަހިކޮށްދެވޭނެ ކަންކަމާމެދު މަޝްވަރާކުރައްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.