
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް: 150،000 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފި
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށާއި، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ސަރުކާރުގެ ކާމިޔާބީ ފާހަގަކުރައްވާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ ކާމިޔާބީއަށް އިތުރުވި އައު ބޮޅެއްކަމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް. 2 މޭ 2024 ގައި ފެށި މަސައްކަތް މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ވަނީ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފަ. މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން: ރައީސް
ރައީސް ވިދާޅުވީ މިއަހަރުގެ މަސައްކަތްތެރިންގެދުވަސް މިއަދު ފާހަގަކުރަމުން ދަާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެގޮތުން އެމީހުންގެ އަސާސީ އިންސާނީހައްގުތައްވެސްވަނީ ނިގުޅައިގަނެވިފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. ރައީސް ވިދާޅުވީ މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ނަމުގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް އެޕްރީލްމަހުގެ 30ގެ ނިއަލަށްވަނީ ކުރިއަށް ގެންގޮސްފައެވެ. މިމަސައްކަތް ކުރިއަށް ގެންދިޔައީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.