Article Image

ކާބަފައިންގެ ޒަމާނުއްސުރެ ދިވެހީން ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި، ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ވަރލްޑް ޓޫނާ ޑޭގެ މުނާސަބަތާ ގުޅުވައިގެން އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މިޕޯސްޓުގައި އެމަނިކުފާނު ވަނީ، މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެއާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ދުނިޔޭގެ ނިސްބަތުން އެންމެ ސާފު، ރީތި އަދި ކަނޑުގެ ދިރުންތަކާއި ރައްޓެހި މަސްވެރިކަމެއް ކުރަމުންދަނީ ދިވެހިރާއްޖޭގައެވެ. ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމަށް ބަލާއިރު، މިފަދަ މަސްވެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި މިއަދު އޮތީވެސް ދިވެހިރާއްޖޭގައެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖެއަށް ނެތް އިރު، މިކަމުގެ ފައިދާ ނަގަމުން އަންނަނީ ވާދަވެރި އެހެން ޤައުމުތަކުންނެވެ.

ކަން މިހެން އޮތް ނަމަވެސް، ދިވެހީން އެ މަސައްކަތަކަށްޓަކައި ފަޚްރުވެރިވާ މަސްވެރިކަމުގެ ސިނާޢަތް ނެގެހެއްޓެވުމަށްޓަކައި އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ސަރުކާރުގެ މިހިނގާ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، މާތް ﷲގެ އިރާދަފުޅާއެކު ދިވެހިރާއްޖޭގައި އެއްފަހަރާ 25000 ޓަނުގެ މަސް ރައްކާކުރެވޭނެ ޤާބިލުކަން އިތުރުކުރެވިގެންދިއުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. ބައެއް މަސައްކަތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.