
ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް މިހާރަކު ނޯންނާނެ، އެކަންކަން ވަނީ އިސްލާހުކޮށްފަ: ރައީސް
ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މިހާރަކު ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފުށުއަރާ ގޮތަށް އެއްބަސްވުންތަކެއް އެކުލަވާލާފައިވާއިރު، އެފަދަ އެއްބަސްވުންތައް ބަލައި، އޭގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ ސަރުކާރުން އެކި ޤައުމުތަކާއެކު އެކުލަވާލި އަސްކަރީ އެއްބަސްވުންތައް ބަލާފައިވާ ކަމަށެވެ. އެއްބަސްވުންތައް ބެލުމަށްފަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ކަމެއް އެއްބަސްވުންތަކުގައި މިހާރު ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ފާހަގަކުރެއްވި އެއް އެއްބަސްވުމަކީ ހައިޑްރޮގްރަފީ ސަރވޭއެއް ހެދުމަށް އެކުލަވާލި އެއްބަސްވުމެވެ.
ނިމިދިޔަ ސަރުކާރުން މި އެއްބަސްވުން އެކުލަވާލާފައިވަނީ ރާއްޖެއިން ބޭރު އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބެ ހައިޑްރޮގްރަފީ ސަރވޭ ހަދާ ގޮތަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ލޮޅުންއަރާނެކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. މިފަދަ ކަންކަން މިހާރު ވަނީ އިސްލާހުކޮށްފައި ކަމަށާއި ޤައުމުތަކާއިއެކު މަޝްވަރާކުރުމަށްފަހު، އެޓާނީ ޖެނެރަލްއާއިއެކު މަޝްވަރާކޮށް އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.