Article Image

ގާތްގަނޑަކަށް 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމާއެކު ރައީސް ޑރ. މުޢިއްޒު ދުނިޔޭގެ ރެކޯޑް މުގުރާލައްވައިފި

އެންމެ ގިނަ އިރު ވަންދެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ދުނިޔޭގެ ރެކޯޑް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދި ދެންމައަކު މުގުރާލައްވައިފިއެވެ.

ބައިނަލް އަޤްވާމީ ނޫސްވެރިކަމުގެ މިނިވަންދުވަހާއި ގުޅިގެން ހެނދުނު 10:00 ގައި ފެއްޓެވި ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވާފައިވަނީ ނޫސްވެރިންގެ ސުވާލުތައް ހުސްވެގެން ހުއްޓާލުމުންނެވެ. އޭރު ގަޑިން ވަނީ ރޭގަނޑު 00:54 ވެފައެވެ. އެހެންކަމުން މިއީ 14 ގަޑިއިރާއި 54 މިނެޓަށް ދިގުދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމެކެވެ.

ކުރިން މި ރެކޯޑް އޮތީ ޔުކްރޭނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސީގެ އަތްޕުޅުގައެވެ. އެމަނިކުފާނު ވަނީ 2019 ވަނަ އަހަރު 14 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ކީވްގައި ބާއްވާފައެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން 14 ގަޑިއިރަށްވުރެ ދިގުވުމާއިއެކު މި ރެކޯޑް މިވަނީ ރައީސް ޑރ. މުޢިއްޒުގެ އަތްޕުޅުގައެވެ.

ގާތްތަނޑަކަށް 15 ގަޑިއިރާއި ގާތްވިއިރުވެސް ރައީސް ގެންދެވީ ވަރުބަލިފުޅުވުމެއްނެތި ނޫސްވެރިންކުރަމުންދިޔަހާ ސުވާލަކަށް ސާފުތެދުބަހުން ޖަވާބުދެއްވަމުންނެވެ. މިއީ ރާއްޖޭގެ ގިނަބަޔަކު ހައިރާންކުރުވި ނޫސްވެރިންގެ ބައްދަލުވުމެކެވެ. މިބައްދަލުވުން ނިމުމާއިއެކު އެތައްބަޔަކު ދަނީ ރައީސްގެ ކެތްތެރިކަން ފާހަގަކުރައްވާ ޝުކުރު ދަންނަވަމުންނެވެ.