
މަޤާމުތަކަށް ރިޓަޔާޑް ބޭފުޅުން ކީއްވެ؟
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ދެއްވި ޔަޤީންކަމަކީ ކުންފުނިތައް ހިންގެވުމަށާއި، ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި އެކަމަކަށް އެންމެ ޤާބިލް ތަޖުރިބާހުރި އިލްމީ ބޭފުޅުންނަށް ފުރުސަތު ދެއްވާނެ ކަމުގެ ޔަޤީންކަމެވެ. ރައްޔިތުން ފަޚުރުވެރިވާނެ ފަދަ ވެރިންތަކެއް އިސްކުރައްވާނެ ކަމުގެ ޔަޤީންކަމެވެ. ރައީސް އައްޔަން ކުރައްވަނީ މި އުންމީދުގައެވެ. އައްޔަންކުރައްވާ ބޭފުޅުންވެސް އިޚްލާސްތެރި ކަމާއެކު މަސައްކަތް ކުރަން އެބަޖެހެއެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ފުރަތަމަ އައްޔަން ކުރެއްވީ ސިޔާސީ ތަޖުރިބާކާރުންނެވެ. އެބޭފުޅުންގެ ވާހަކަމޮޅު، ސިޔާސީ ބުރަދަންހުރޭ، ޕޯޑިއަމްތަކަށް ފަރިތަ، ނަމަވެސް ނަތީޖާ ނެރުމަށް މަސައްކަތް ކުރެއްވީ ކިތައް ބޭފުޅުންތޯ؟ ޤައުމު އޮތް ޙާލަތުން އަރައިގަތުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވި އުޅެނިކޮށް މަޑުމަޑުން ކޮރަޕްޝަންގެ އަޑުތަކެއް އިވެންފެށިއެވެ. ޔަޤީނުންވެސް ރައީސް މުޢިއްޒުއަށް މުހިންމުވަނީ ނަތީޖާ ނެރުންކަމަށް ވީހިނދު ހެޔޮ ބަދަލެއް ގެންނަން މަޖުބޫރުވެއްޖެއެވެ. އާންމު ރައްޔިތުންގެ ތުހުމަތުގެ އިނގިލިތައް ބައެއް ކުންފުނިތަކުގެ ވެރިންނަށް އަމާޒުވާންފެށިއެވެ. ތުހުމަތު އަމާޒުވީ މީހުންގެ މައްސަލަތައް ބައްލަވާ ވަގުތުން ވަކިކުރައްވަން ފެއްޓެވިއެވެ. ޤާނޫނީގޮތުން ފިޔަވަޅުއަޅުއްވައިފިއެވެ. މައްސަލަތައް އިސްވެ ބަލަން ފެއްޓީވެސް ސަރުކާރުންނެވެ.
ރިޓަޔާޑް ބޭފުޅުން މަޤާމްތަކަށް
ކުއްލިއަކަށް ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ރިޓަޔާޑް ސިފައިންގެ ބޭކަލުންނާއި، ފުލުހުން އައްޔަން ކުރަންފެށުމުން މަދު ބަޔަކު ފާޑުކިޔަން ފަށައިފިއެވެ. ސަރުކާރުގެ އިސްމަޤާމުތަކާއި، އެމްބަސީތަކުގައި ވެސް މިފަދަ ބޭފުޅުން ފުދޭވަރަކަށް އެބަތިއްބެވެ. އެގޮތުން ރައީސް އޮފީހުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) އިބްރާހީމް ލަޠީފް، އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ، މިފްކޯގެ ސީއީއޯއަކަށް ބްރިގޭޑިޔަރ ޖެނަރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރު، ފެނަކާގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސިފައިން ގޭގައި 21 އަހަރު ހޭދަކުރެއްވި މޭޖަރ (ރިޓަޔާޑް) މުހައްމަދު ނަޖާހް، މަގު ހަދާ ކުންފުނި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު, އަދި މިފަހުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ފަސީހް އަދި ތުރުކީވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ލެފްޓިނެޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަޙީމް އަބްދުއްލަތީފް ވަނީ އައްޔަން ކުރައްވާފައެވެ. އަދި ދާދިފަހުން އުފެއްދެވި ރިޔާސީ ކޮމިޝަނަށްވެސް ވަނީ ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުޙައްމަދު އައްޔަން ކުރައްވާފައެވެ.
ރިޓަޔާ ވުމަކީ ކޮބާ؟
އާދެ ރިޓަޔާ ވުމޭ މިކިޔަނީ ދިގު މުއްދަތަކަށް ޤައުމަށް ޚިދުމަތް ކޮށްދެއްވުމަށްފަހު ޝަރަފްވެެރިކަމާއެކު ވަޒީފާއިން އެކަހެރިވުމަށެވެ. ތެދުވެރިކަމާއި، ވަފާތެރިކަމާއިއެކު ޚިދުމަތް ނުކުރައްވާނަމަ ވިހި، ތިރީސް އަހަރު އެއް މަޤާމެއްގައި ދެމި ހުރެވޭނެބާ؟ ކުންފުނިތަކަށް ރައީސް މުޢިއްޒު އައްޔަން ކުރެއްވި ރިޓަޔާޑް ބޭފުޅުންނާ ގުޅޭގޮތުން މަދުބަޔަކު ދެކޮޅުނުޖެހޭ ވާހަކަތަކެއް ދެއްކިނަމަވެސް އަސްލަކީ ރިޓަޔާޑް ބޭފުޅުން މަޤާމަކަށް އައްޔަންކޮށްގެން ފާޑެއް ކިޔަންވެސް ދައްކާނެ ތާކުންތާކު ޖެހޭ ވާހަކައެއް ނެތްކަމެވެ. ކަންނެތްކަމުން ޒިންމާ އަދާނުކުރެވިގެން، ކޮރަޕްޓްވެގެން، ވައްކަމެއްކޮށްގެން، ޤައުމަށް ޣައްދާރުވެގެން ، ޤާނޫނީގޮތުން ހުއްދަނޫން އެއްވެސް ކަމެއް ކޮށްގެން ނުވަތަ އެއްވެސް ބާވަތެއްގެ ކުށަކަށް އަރައިގެންފައި ހުރި އެއްވެސް ބޭފުޅަކު މީގެ ތެރޭގައި ނުހިމެނެއެވެ.
ރައީސްގެ އަމާޒަށް ވާޞިލް ވެވިދާނެބާ؟
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުންކަމަށެވެ. ހަމަ ޔަޤީނުންވެސް މިދެންނެވި ރިޓަޔާޑް ބޭފުޅުން ފަތިހުހޭލާނެ ކަން ޔަޤީނެވެ. އާންމުކޮށްވެސް އެބޭފުޅުން މަސައްކަތް ފަށަނީ ފަތިސް ނަމާދަށްފަހުގައިކަން މިއީ ޙަޤީޤަތެވެ. މަސައްކަތުގައި އަޚްލާޤު ހިފަހައްޓާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެއީ އެބޭފުޅުން ވަޒީފާގެ ދިގު ތާރީޚުގައި ކަންކުރަމުން އައީ ވަކި އުޞޫލުތަކަކަށް ކަމަށްވުމެވެ. އެ ހޯދާފައިވާ މިލިޓަރީ ތަމްރީންތަކުގެ ތެރެއިން އިސްލާމްދީނަށް އޮންނަ އަހަންމިއްޔަތުކަމާއި، ދިވެހި ޤައުމަށާއި ރައްޔިތުންނަށް އޮންނަ ލޯބި، ވަގުތަށް ކަމޭހިތުން، ޒިންމާއަދާކުރުން، ކަންކަމާ ކެރިގެން ކުރިމަތިލުން، ފަދަ މުހިންމު ކަންކަން އުނގެނެއެވެ. ކްރައިސިސް މެނޭޖްމަންޓް ސްކިލްސް މިއީ މިލިޓަރީ ތަމްރީންތަކުގައި އެބޭފުޅުން އުނގެނިފައިވާ ކަންކަމެވެ. ދިމާވާ ދަތި އުނދަގޫ ހާލަތްތަކާ ކުރިމަތިލާން ޖެހުމުން، ފަސްޖެހުމެއްނެތި، ހަރުދަނާ އުޞޫލުތަކާއެކު، ވަގުތުން ވަގުތަށް ނިންމުންތައް ނިންމުމުގެ ގާބިލުކަން އެ ޓީމުގައި ހުންނާނެއެވެ.
އެމީހުންގެ ތަޖުރިބާގެ ޢަލީގައި އަދުގެ ޒުވާން މުވައްޒަފުންނަކީ މުސްތަޤުބަލުގެ ލީޑަރުންނަށް ހެދޭނެއެވެ. ޤާބިލު މަސައްކަތްތެރިން ބިނާކުރުމަށް އެހީތެރިވެދޭނެއެވެ. ރިޓަޔާޑް ގިނަ އޮފިސަރުންނަކީ އަޚްލާޤީ މިންގަނޑުތަކަށް ބޯލަނބައި، ދެފުށް ފެންނަ، ޖަވާބުދާރީކުރުވުމާއި، ހެޔޮވެރިކަމަށް މަގުފަހިކޮށްދޭނެ އޮފިސަރުންނަށް ވާނެކަން ޔަޤީންކުރެވެއެވެ. ސިޔާސީ، އިޤްތިޞާދީ، ނުވަތަ ސަލާމަތާ ގުޅުންހުރި ކާރިސާތައް ބެލެހެއްޓުމުގައި އަގުހުރި ތަޖުރިބާތަކެއް ލިބިފައިވާ އޮފިސަރުންނެވެ.
ރިޓަޔާ ވުމުން މުޖްތަމަޢުގައި ބާކީވާން ޖެހޭތޯ؟
ސިޔާސީ ނުވަތަ އިދާރީ އިސް މަޤާމުތަކުގައި ރިޓަޔާޑް އޮފިސަރުންގެ ތަޖުރިބާއާއި ހުނަރުގެ ބޭނުން ހިފުމުގެ ފައިދާ މި ނުކުތާތަކުން ހާމަވެގެން އެބަދެއެވެ. ލީޑަރޝިޕާއި ތަޖުރިބާ އާއި ރިވެތި އަޚުލާޤު އެކުލެވިގެންވާ މި ރިޓަޔާޑް އޮފިސަރުންނަކީ ސިޔާސީ އިސް މަޤާމުތަކުގައި އަގުހުރި މުދަލަކަށް ވެގެންދާނެއެވެ. ޤައުމީ ސަލާމަތާއި، ޤައުމީ މަސްލަޙަތާއި، ޚާރިޖީ ކަންކަމާއި، ގުޅުންހުރި ކަމެއްކަމުގައިވިޔަސް ރިޓަޔާޑް އޮފިސަރުން، ޤައުމީ މަސްލަހަތު ޙިމާޔަތްކުރުމަށް ސަމާލުކަންދޭނެއެވެ. ރިޓަޔަރޑް އޮފިސަރުންނަކީ ޒިންމާދާރުކަމާއި ދެފުށް ފެންނަ ސަގާފަތެއް ގެންގުޅޭ، އެމީހުންގެ ޢަމަލުތަކަށް ޖަވާބުދާރީވާން އާދަވެފައިވާ އޮފިސަރުންނެވެ. އިސް މަޤާމުތަކުގައި ތިއްބެވި ތަޖުރިބާކާރު ރިޓަޔާޑް އޮފިސަރުންނަށް އިޙްތިރާމްކޮށް ފުރުޞަތު ދިނުމުން ޤައުމީ ހަމަޖެހުމާއި، ޤައުމީ ތަޞައްވުރު ކުރިއެރުވޭނެއެވެ. އެތައް ދުވަހެއްގެ ޚިދުމަތަށްފަހު މުޖްތަމަޢުގައި ބާކީވެފައި ތިބުމުގެ ބަދަލުގައި ސިޔާސީ އިސް މަޤާމުތަކަށް އައްޔަންކޮށްގެންވެސް ޤައުމަށް ހެޔޮ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އެބޭފުޅުންނަށް ހޯދައިދޭންޖެހެއެވެ. ސިޔާސީ މައިދާނުގައި އުމުރު ހޭދަކުރި މީހާއަށްވެސް އޮތީ ޚިދުމަތް ކުރުމެވެ. ޝަރަފްވެރި ކަމާއެކު ޤައުމީ ޚިދުމަތުން ރިޓަޔާކުރެއްވި ބޭފުޅުންނަށްވެސް މިއޮތީ އަލުން ޤައުމަށް ޚިދުމަތްކުރުމުގެ ފަހި ފުރުޞަތެކެވެ. ނަތީޖާ ރަނގަޅުވާނެކަމަށް ބަލަމާ ހިނގާށެވެ.