Article Image

ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް މުޢިއްޒު ދުނިޔެއަށް ގޮވާލައްވައިފި

ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އަނިޔާވެރި ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ވަގުތުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްޢަޤްވާމީ މުޖްތަމަޢަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ހައްދުފަހަނައެޅި ޔަޙޫދީން ޣައްޒާގެ ކުށެއްނެތް އެތައް ބަޔަކަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.މީގެ އިތުރުން ހައްދުފަހަނަ އެޅި އިސްރާއީލުގެ ޔަޙޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަކަށް ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ. މިއާއިއެކު އިސްރާޢީލުގެ މިޢަމަލުތަކުގެ ޒިންމާ އެމީހުން ނަގަންޖެހޭނެކަން ރައީސް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޔަހޫދީން ވަނީ ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދު ކޮށްލާފައެވެ. މިއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ރޫޅުނު ފަހުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.

އދ. 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައިރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ތަޤުރީރުގައިވެސްވަނީ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު މިހާރުން މިހާރަށް ހުއްޓުވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް ދިނުމަށް މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.