Article Image

މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވުން: 30 އަހަރު ދުވަހުގެ ދިގު އިންތިޒާރު ނިމުމަކަށް!

އެމްޑީޕީ ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުނު އިރުވެސް މަސައްކަތް ނުނިންމުނު މ. މުލީ އެއާޕޯޓްގެ މަސައްކަތް ނިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރައީސް މުއިއްޒު މުލި އެއާޕޯޓް ހުޅުއްވައިދެއްވީ މިއަދު ހެނދުނު މި ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މުއްޔަށް ރައީސް ވަޑައިގަތުމުން މި ރަށުގެ ރައްޔިތުން ވަނީ އެއާޕޯޓުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފަ އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެންމެފަހުގެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ޤާއިމުކޮށްފައިވާ މުލި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މުލީ އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ މީގެކުރިން އެރަށު އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުން ބަޔަކާއި، ރަންވޭގެ ވަށައިގެން އިތުރަށް 14 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއަރޕޯޓުގެ މަސައްކަތްތައް ނިންމާ، އޮޕަރޭޝަނަަށް ގެނައުމަށްވާންޖެހޭ ތައްޔާރީތަކަށްފަހު ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 25 ވަނަ ދުވަހުއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގާ މުލި އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ މަހު 25 ގަ އެވެ. މުލީ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވި 19 ވަނަ އެއާޕޯޓެވެ. އަދި 14 ވަނަ ޑޮމެސްޓިކް އެއާޕޯޓެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވާ ގޮތުގައި، މުލި އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާ އެއާލައިނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވުމާއިގުޅިގެން މުލީ ކައުންސިލުން ބުނީ މުލީ އެއާޕޯޓް ތަރައްޤީވެގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ 30 އަހަރު ދުވަހުގެ ދިގު އިންތިޒާރުގެ ނިމުންކަމަށެވެ. އަދި މުލީ ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށް ހައްދަވައިދެއްވިކަމަށްޓަކައި މުލީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.