Article Image

މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓަކަށް ވެގެންދާނެ: ރައީސް

މިއަދު ހުޅުއްވައިދެއްވި މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއްގެ ގޮތުގައި ވެގެންދާނޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މ. މުލީ އެއާރޕޯޓް ހުޅުވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރުންވެފައިވާ ވަޢުދު، މުލަކު އަތޮޅުގައި މި ވަނީ ފުއްދަވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ޚާއްޞަކޮށްގެން އެ އެއާޕޯޓްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައެވެ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުލީގެ ތަރައްޤީއަށް، އެތައް ދާއިރާއަކުން ކުރިއެރުން ހޯދޭނެ ދޮރޯއްޓަކަށް މުލީ އެއާޕޯޓްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އިޤްތިޞާދީ ކުރިއެރުން ހޯދައިދެނިވި ދޮރޯއްޓެއް ކަމުގައި މުލީ އެއާޕޯޓްވާނެ ކަމުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

މުލީ އާޕޯޓްތައް ތަރައްޤީކުރެވި، ބިންހިއްކައި، އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދެވޭ ރަށްރަށަކީ ސަރަޙައްދީ ގޮތުން ތަރައްޤީ ކުރެވޭ ރަށްތަކެއްގެ ގޮތުގައި ބަލައި، އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކަމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުވާން އޮތީ އެފަދައިން ކަމަށާ، ރަށްރަށަށް ހިޖުރަކޮށް އާބާދީ އެއްފަސްކުރުމަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިގެން ނޫނީ ނުވާނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މ. މުލީ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރެވުނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ، އޭރުގެ ސަރުކާރުގައި ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން 2014 ވަނަ އަހަރުއެވެ. މިއަދު މުލީގައި ފުރިހަމަ އެއާޕޯޓެއް ތަރައްޤީކޮށް، ރަސްމީކޮށް ހުޅުވިގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި ޚާއްޞަ އިރުޝާދުގެ ދަށުންނެވެ. އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދެވުމުގެ އަމަލީ މަސައްކަތްތައް، އައު އެއްބަސްވުމެއްގެ ދަށުން އަލުން ފެށުނީ 2024 ވަނަ އަހަރުގައެވެ.

މުލީ އެއާޕޯޓަކީ ދިވެހި ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއާ ޙަވާލުކުރައްވައިގެން ހަލުވި ދުވެލީގައި ނިންމެވި ފުރިހަމަ މަޝްރޫޢެކެވެ.