Article Image

މުލި - ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ ޢަމަލީ މަސައްކަތް ރައީސް ފައްޓަވާ ދެއްވައިފި

މ. އަތޮޅު މުލި - ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާ ދެއްވައިފިއެވެ.

މި މަސައްކަތް ޢަމަލީގޮތުން ފައްޓަވައިދެއްވީ މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެެއްވުމަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ކޯޒްވޭއަކުން މ. މުލި އަދި އެ އަތޮޅު ނާލާފުށި ގުޅާލުމުގެ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޯޒްވޭ އެޅުމުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ އިތުރުން، 2026 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން މ. ނާލާފުށީ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ހިނގާ 2 އަހަރަކީ، ތަރައްޤީގެ އަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށް ގެންދަވާ، ރައްޔިތުންނަށް ނަތީޖާ ނެރެދެއްވާނެ ދުވަސްތަކެއްކަން ރައީސް ޔަޤީންކޮށްދެއްވިއެވެ.

ރައީސް ވަނީ، ރަށުގެ މަގު ހެދުމުގެ މަސައްކަތް 2026 ވަނަ އަހަރު ފައްޓަވައިދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ މިއާއެކު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު މިހާރު އޮތީ ޢަމަލީ ގޮތުން މަސައްކަތް ފަށަން ތައްޔާރުވެފައިކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގޮތުން ގުޅިފައިވާ ބޯހިޔާވަހިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މ. މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށް ގޮސް، ޓެންޑަރިންގ މަރުހަލާގެ ތެރެއިން އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މ. މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢަކީ ރައްޔިތުންގެ އުންމީދުތަކުގައި، ވަކިން ޚާއްޞަކޮށް ޒުވާނުންނާއި، ގެދޮރުވެރިކަން ނެތް ފަރާތްތަކުން ކުރަމުންދާ އުންމީދުތަކުގައި އެތައް ކުލައެއް ޖެހިގެންދާނެ ކަމެއްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މ. މުއްޔަށް ބަދަލުވާން ބޭނުންވެފައި ތިބި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސަވައިދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާ، އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މިއަދު ހުޅުވިގެންދިޔަ މުލީ އެއާޕޯޓްގެ ނަތީޖާ، މާތް ﷲގެ އިރާދާފުޅާއެކު ރަނގަޅުވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރައްޔިތުން އެދޭ ކަންކަން، އެގޮތަށް ކޮއްދެއްވުން ނޫން ވިސްނުންފުޅެއް އަދި ޒިންމާއެއްވެސް އެމަނިކުފާނަށް ނެތް ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.