
ދިވެހިންގެ އުފެއްދުންތެރިކަމުގެ އެންމެބޮޑު މައުރަޒު ރައީސްގެ ދެކަނބަލުން ފައްޓަވައިދެއްވައިފި
މިހާތަނަށް ރާއްޖޭގައި ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ އެންމެބޮޑު މައުރަޒު 2025 ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މިއީ އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.މި މައުރަޒު އާންމުންނަށް ހުޅުވާލާފައިވަނީ ބޮޑުބެރާއި ތަފާތު އެކި ހަރަކާތްތަކާއެކުގައެވެ. އަދި އެންމެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހަވާވެސް ވަނީ އަރުވާފައެވެ.
މިފަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގެ އިތުރުން، ހުނަަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ.
އެގޮތުން އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓް، ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް، މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ޚާއްސަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ.