Article Image

މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ: ރައީސް

މިއަހަރުގެ ޙައްޖު މޫސުމަކީ ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިއަހަރުގެ ޙައްޖުގެ ކަންކަން އިންތިޒާމު ކުރެވިފައިވާގޮތާއި ގުޅިގެން ސޯޝަލްމީޑިއާގައި އެމަނިކުފާނު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް އެތައް ލުއިތަކެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެކަމަށެވެ. އަދި މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އެގޮތުން ޙައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހޭނެ ކަމާއި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އުންމީދަކީ މިއަށްވުރެވެސް އިތުރަށް ކަންކަކަން ފަހިވުން ކަމަށެވެ. ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މި އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވުން. ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަން: ރައީސް

މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މިހާތަނަށް ލިބުނު 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަން ފާހަގަކުރައްވާ، ރައީސް ވަނީ އެކަމުގެ އުފާ ލިބިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ޙައްޖާޖީންނަށް ސަޢުދީ ޢަރަބިއްޔާއިން ދެންނެވި ހޫނު މަރުޙަބާއަށްޓަކާ ސަޢުދީގެ ސަރުކާރަށް ރައީސް މުޢިއްޒު ޝުކުރު ދެންނެވިއެވެ.

ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސަޢޫދީ ސަރުކާރުން ވަނީ، ވަރަށް ހޫނު މަރްޙަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައި. އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވަން. ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާ އެކު، މަބްރޫރު ޙައްޖެއް، ދިވެހި ޙައްޖުވެރީންނަށް މާތްﷲ މިންވަރު ކުރައްވާށި. އާމީން: ރައީސް

ދިވެހި ޙައްޖާޖީން ރާއްޖެއިން ފުރުމުގެ ކުރިއަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢޫދީގެ އިމިގްރޭޝަނާއި ކަސްޓަމްސް އަދި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރިހަމަ ކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް މިފަދައިން ވިދާޅުވީ މައްކާ ރޫޓް އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.