
ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ ޢަމަލީ މަސައްކަތް ފަށައިފި
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުން ނުވަތަ (ވާނުވާ ބަންދު) ގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.
މިއާއިއެކު މިއަދު ފެށިގެން ދިޔަ މަސައްކަތުގެ ތެރެއިން ޒަމާންވީ މި ބޮޑު މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
"ވާނުވާ ބަންދުގައި" މިވަގުތު 300 އެތައް ބަޔަކު ތިބި ކަަމަށް ރައީސްގެ ޕޮޑްކާސްޓްގައި ވަނީ ވިދާޅުވެފައެވެ.
ވާނުވާގައި ތިބި މީހުންގެ ތެރެއިން ޖިންސީ ކުށްތަކަށް އަރައިގެންފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާ މީހުން ފިޔަވާ ތިންބައި ކުޅަ އެއްބައި މީހުން ޓެގް އެޅުވޭތޯ ބެލުމުގެ މަސައްކަތް ވަނީ ފަށާފައި. އަޅުގަނޑު މަސައްކަތް ކުރާނަން އެކަން ސާފުވުމުން ކަނޑައެޅޭ ޝަރުތުތަކާއެކު ގެއަށް ދޫކޮށްލުމަށް ނުވަތަ ޓެގް އަޅުވާފައި ދޫކޮށްލެވޭނެ އެންމެ ފުޅާ މިނިވަންކަމަކާއެކު ދޫކޮށްލެވޭނެ މައްސަލަ ބަލާ ނިމެންދެން: "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި މެއި އަށް ވަނަ ދުވަހު ރައީސް ވިދާޅުވިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މި ނިޒާމުގެ ދަށުން ބަންދަށް ލުއިދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، ފުލުހުން އަދި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ހާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެއެވެ. މި އެސެސްމަންޓުގައި، ބަންދަށް ލުއިދެވޭ މީހުން މޮނިޓާކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރެވޭނެއެވެ.
ބަންދަށް ލުއިދިނުމަށް ނިންމާނީ އެސެސްމަންޓަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ. އެއަށްފަހު ބަންދު މުރާޖައާކުރުމަށް ކޯޓަށް ހުށަހެޅޭނެއެވެ. ލުއިދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައެވެ.
ބަންދަށް ލުއިދީފައިވާ މީހުންގެ ޝަރުތުތައް ކޮންމެ 100 ދުވަހަކުން އެއްފަހަރު މުރާޖައާކުރެވޭނެއެވެ. އަދި ޝަރުތަކާ ހިލާފުވެއްޖެނަމަ، އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދެވޭނެ ކަމަށްވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ޒަމާންތަކެއްވަންދެން ކުރިއަށްދިޔަ ވާނުވާ ބަންދު އުވާލުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވަޢުދު ފުއްދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިކަމާއި ގުޅޭ ދެ ފޯރަމެއް މިއަހަރު ވެސް ވަނީ ކުރިއަށް ގެންދަވާފައެވެ. ފުރަތަމަ ފޯރަމް ޚާއްޞަކުރެއްވީ ޝަރުޢީ ދާއިރާ ފިޔަވާ މިކަމުގައި ހިމެނޭ އެހެން ފަރާތްތަކަށެވެ. އަދި ދެވަނަ ފޯރަމް ކުރިއަށް ގެންދެވީ ޝަރުޢީ ދާއިރާއަށް އަމާޒުކުރައްވައިގެންނެވެ.
ވާނުވާބަންދުގެ މައްސަލައަށް ހައްލުހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއިއެކު ރައީސް ވަނީ ދާދިފަހުން ބައްދަލުވުމެއްވެސް ކުރިއަށް ގެންދަވާފައެވެ.