
ރައީސް ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ދިވެހީންގެ ކޯޓާގައެއްނޫން، ސަޢުދީ ރަސްގެފާނުގެ މެހެމާންދާރީގައި
މި އަހަރު ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސަޢުދީ ރަސްގެފާނުގެ ޚާއްޞަ މެހެމާންދާރީގައި އެ ޤައުމުގެ ޚަރަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ސަޢުދީ ސަރުކާރުން ދީފައިވާ ކޯޓާގެ ތެރެއިން އެމަނިކުފާނު ޙައްޖަށް ވަޑައިގަންނަވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ދޮގު ވާހަކަތަކާއި ގުޅިގެންނެވެ.
"ރައްޔިތުންނާއެކު" ނަމުގައި ގެނެސްދޭ ޕޮޑްކާސްޓް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ވަރަށް ދެރަ ކަމެއްކަމަށާއި، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ މި އަހަރު ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސަޢުދީ ރަސްގެފާނުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި އެމަނިކުފާނުގެ ދަޢުވަތަކަށް ކަމަށެވެ. އަދި އެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ވެސް ސަޢުދީން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފުރުޞަތަކީ ކުރީގެ ވެރީންނަށް ވެސް ސައުދީ ސަރުކާރުން ފަހިކޮށްދީފައިވާ ފުރުސަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަޅުގަނޑަށް ވަރަށް ޚައްޞަ ގޮތަކަށް މި ކަންކަން ހަމަޖައްސައިދެވިފައި މިއޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖު ކޮށްދީފައި، ހަމަޖައްސައިދީ ފައި. އެއީ ވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓާއެއް ވެސް ނުކުރޭ، ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި: ރައީސް
ރައީސް ވަނީ އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.