
އިޖްތިމާޢީ އެހީތެރިކަމުގައި ސްކައުޓުން ދައްކައިދިނީ ތާރީފު ޙައްޤު ނަމޫނާއެއް: ރައީސް
ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށާއި އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ޙައްޤު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑޮކްޓަރ މުޙައްމަދު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ސްކައުޓު ޙަރަކާތުގެ 69 ވަނަ އަހަރީ ދުވަހާއި ގުޅިގެން ތަޙުނިޔާ ދަންނަވާ ކުރެއްވި ޕޯސްޓެއްގައެވެ.
ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރައްވާ ރައީސް ވިދާޅުވީ ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށާއި އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ޙައްޤު ނަމޫނާއެއް ކަމަށެވެ.
ސްކައުޓް އެސޯސިއޭޝަނާއި ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއަރ ހުރިހާ ބޭފުޅުން، އަދި ޖުމްލަކޮށް ސްކައުޓް އާއިލާއަށް ބޭނުންވާ ކަންކަމުގައި މި ވޭތުވެދިޔަތަނުގައި ސްކައުޓް ހަރަކާތަށް ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފއެވެ. މި ޔަޤީންކަން ރައީސް ދެއްވީ ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި، 'ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް' އެވޯޑް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސްކައުޓުން ވަންނާނެ އިމާރާތެއް ނެތި އެކި ކަހަލަ ބާވެފައި ހުރި އިމާރާތްތަކުން، އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހުމަކީ އެކަން ވެގެންވާންޖެހޭނެ ގޮތް ނޫންކަމަށެވެ. ރާއްޖޭގައި މިދިޔަ 69 އަހަރުގެ ތެރޭގައި ސްކައުޓް ހަރަކާތް ހިންގިއިރު، ވަރަށް ފަޚުރުވެރި ކާމިޔާބީތަކެއް މުޖުތަމަޢަށް ސްކައުޓް ހަރަކާތުގެ ތެރެއިން ހޯދައިދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކުދި ކަންކަމުން ފެށިގެންގޮސް، ބޮޑެތި ޤައުމީ ކާރިސާތަކުގައިވެސް ސްކައުޓް ހަރަކާތަކީ ރާއްޖޭގައި ޔަޤީނުންވެސް ވަރަށް ބޮޑަށް ޝާމިލުވެފައިވާ، އެހީތެރިކަންދީފައިވާ އަދި ދެމުންވެސްދާ ހަރަކާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވަރލްޑް ސްކައުޓް ބެޖް އެރުވީ އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ނަޡީފެވެ. މި ރަސްމިއްޔާތުގައި ސްކައުޓް ކައުންސިލްގެ އަށް މެންބަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވައި، "ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް" އެވޯޑް 7 ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.