Article Image

ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭނަން: ރައީސް

ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ މަސައްކަތް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޖަވާބު ދެއްވާފައިވަނީ ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް އެދި ތ.ކިނބިދޫ، ނަރުގިސްވިލާ، ޢާއިޝަތު ވަސީލާ، ދެންނެވި ސުވާލަށެވެ.

ރައީސް ވިދާޅުވީ ރަށުގައި ތިބެގެން ގްރޭޑް 12 އާއި ހަމަޔަށްވެސް ކިޔެވޭގޮތްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކިނބިދޫގައި އެ ފުރުޞަތު މިހާރު ނެތް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލެވިގެންދާއިރު، އެއްގަމުން ދަތުރުފަތުރު ކުރެވޭނެގޮތްތައް ފަހިވެ ތަޢުލީމު ޙާޞިލް ކުރުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއް ރަށުގައި ތިބެގެން ކިޔެވޭގޮތްވުން ގްރޭޑް 12 އާއި ހަމަޔަށްވެސް. ދެން މިރަށުގަ މިވަގުތު އެފުރުޞަތެއް ނެތް.މިހާރުތަރައްޤީގެ މަޝްރޫޢުތަކުން ވޭމަންޑޫ އާއި މިރަށާ ކޯޒްވޭއަކުން ގުޅާލެވުނީމަ އެއްގަމުން ދެވޭގޮތް އޭރުން ވާނެ އެ ރަށަށް. އެރުން އެއްފަސް ވީ. އެއްފަސްވީމަ ލިބޭ ފައިދާތައް ހުންނާނެ. ތަޢުލީމު ޙާސިލް ކުރުމުގައިވެސް. އެއީ ތިކަން ހައްލުކުރަން އަޅުގަނޑު ވިސްނާ އެއްގޮތް. ދެން އެހެން ގޮތްގޮތްވެސް ވިސްނާނަން.ޕޮއިންޓަކީ ތިބޭނުންވާ ކަންތައް އިރާދަކުރެއްވިއްޔާ ޙާޞިލް ކުރާނަމޭ: ރައީސް މުޢިއްޒު

މީގެ އިތުރުން ޔުނިވަރސިޓީއެއް ޤާއިމްވެގެން ދިއުމަކީ މުހިންމުކަމެއް ކަމަށާއި އެކަން ކުރުމުގެ ވިސްނުން ހުރިތޯ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ކޯޒްވޭއަކުން 2 ރަށް ގުޅުވާލެވި އެއްފަސްވުމުން އާބާދި އިތުރުވެގެން ދާނެކަމަށެވެ. އަދި ޔުނިވަރސިޓީ ޤާއިމުކުރުމާއިއެކު ތަޢުލީމުގެ ފުރުޞަތުތައް އިތުރުވެ އެހެން ރަށްރަށުގެ މީހުންވެސް ޒިޔާރަތްކުރަނެ ކަމަށާއި، އޭގެ ސަބަބުން މުޅި މައްސަލައަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ވީހާވެސް އަވަހަކަށް ޙާސިލް ކޮށްދޭނަން. ކޯޒްވޭއަކުން ގުޅި އެއްފަސްވީމަ ޔުނިވަރސިޓީގެ ކެމްޕަސް ޤާއިމްކުރުން ވިޔަސް ނުވަތަ އެކަހަަލަ ޔުނިވަސިޓީ ތަޢުލީމުގެ ފުރުސަތުތައް އެއްފަސްވެގެން އާބާދީ ބޮޑުވީމަ އޭރުން އެހެން ރަށްރަށުގެ މީހުންވެސް އަންނާނެ. އެކަހަލަ ގޮތަކަށް އެކަން ކުރީމަ ރަނގަޅުވާނެ. ވަރަށްބޮޑު ސަމާލުކަމެއް ތިކަމަސް ދޭނަން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.