
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވާ ފަރާތްތަކުގެ އިންތިޒާމްތައް ހަމަޖައްސަވާފައި ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށް : ރައީސް
ދިވެހިރާއްޖޭން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށްކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޙައްޖާޖީންނަށް އިންތިޒާމްތައް ހަމަޖައްސަވާދެއްވާފައިވާ ގޮތާގުޅޭގޮތުގެ މައްޗަށް އަލިއަޅުވައިލައްވާ ވާހަަކަފުޅު ދައްކަވަމުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ފަސޭހަކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެސަބަބުން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި މައްކާއިން މަދީނާއަށް ދާނީވެސް ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ގާތްގަނޑަކަށް 2 ގަޑިއިރުތެރޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޙައްޖާޖީންގެ އިންތިޒާމްތައް މިހާފުރިހަމައަށް ހަމަޖެހިގެން ދިޔައީ ސަޢޫދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމުން ފެންނަނީ ސަޢޫދީ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަންކަމަށާއި، އެގައުމުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.