
އުމުރުން 18 އަހަރުން މަތީގެ ގެދޮރުނެތް އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ މިއަހަރު ލިޔުން ދޭނަން : ރައީސް
އުމުރުން 18 އަހަރު ފުރި އަމިއްލަ ގެދޮރުނެތް އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ މިއަހަރު ލިޔުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދަޢުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަނީ އަމިއްލަ ގެދޮރެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ގެދޮރު ކަށަވަރުކޮށްދީ އެކަމުގެ ލިޔުން މިއަހަރު ނިމުމުގެ ކުރިން ދެއްވާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގައި ރައީސް މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި ގުޅެގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެ ވަޑައިގެންނެވި ވަޢުދު ތަކުރާރު ކުރައްވާ ވިދާޅުވީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގޯތި ނުވަތަ ފްލެޓް ކަށަވަރުކޮށްދެއްވާނެކަމަށެވެ.
މާލޭގައިވެސް، އެއްވެސް ރަށެއްގައިވެސް "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ފުރަތަމަ ގެ ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން. އެމީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ކަށަވަރުކޮށްދޭނަން. ރަސްމީގޮތުން އެކަން ކަށަވަރުކޮށް، މިއަހަރު ނިމުމުގެ ކުރިން ލިޔުން ދޭނަން: ރައީސް
މިކަމާއިގުޅޭ އިތުރު ތަފްސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ ގެދޮރުވެރިކަން ކަށަވަރުކޮށް ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަޢީންކޮށްދެއްވާނެކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބިން ހިއްކައިގެން މާލެ ސަރަޙައްދުގައި މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބަލާއިރު، މާލެ ސިނަމާލެ ހުރި ސަރަޙައްދުގައި 2000 ފްލެޓް، ވިލިމާލޭގައި 500 ފްލެޓް އަދި ހުޅުމާލޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެދަށުން ތަރައްޤީކުރާ 4000 ޔުނިޓްގެ މަސައްކަތް ހިމެނެއެވެ.