Article Image

އައިނަށް އާސަންދައިން ދޫކުރާ މިންވަރު އިތުރުކޮށް އައިޖީއެމްއެޗުގައި ނަމްބަރު އައިނުގެ ވިޔަފާރި ފަށަނީ!

ނަންބަރު އައިނަށް އާސަންދައިން ދޫކުރާ މިންވަރު އިތުރުކޮށް އައިޖީއެމްއެޗުގައި ނަމްބަރު އައިނުގެ ވިޔަފާރި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ޕީއެސްއެމް" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

އާސަންދައިގެ ތެރެއިން ނަންބަރު އައިނަށްދޭ އަދަދު ބޮޑުކުރަން ނިންމުމާއިގުޅޭ ތަފްސީލާއިއެކު ރައީސް ވިދާޅުވީ، އެމަނިކުފާނު މިކަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގެންފައިވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަދި ސަރުކާރުގެ އެހެނިހެނ ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމާއި ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން، އެ އަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް މިހާރު ލިބެމުންދާ ފުރުޞަތު ހުއްޓިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލުން ކަމަށެވެ. އަދި ސިނގިރޭޓްގެ ވިޔަފާރިތައް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވިޔަފާރިވެރިން ވަޑައިގަތުމަށް ދެންނެވީވެސް ރައްޔިތުންގެ ޞިއްޙަތު މުހިންމުވާތީކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ޞިއްޙީ ދާއިރާ ރަނގަޅުކުރުމަކީ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ. ހަމަ އެހެންމެ، މާލެ ސަރަޙައްދުގެ ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، މާލެސިޓީގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ޞިއްޙީ ފަރުވާ ހޯދުމަށް ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.

މިސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރައްވާނީ ޞިއްޙީ ދާއިރާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.