
ޙައްޖު ދުވަހުގެ ތަހުނިޔާ އާއިއެކު ދިވެހި ޤައުމާއި ރައްޔިތުންނަށް ރައީސްގެ ހެޔޮ ދުޢާ!
1446 ވަނައަހަރުގެ ޙައްޖު ދުވަހުގެ ތަހުނިޔާ އާއިއެކު ދިވެހި ޤައުމާއި ރައްޔިތުންނަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ހެޔޮ ދުޢާ ދަންނަވައިފިއެވެ.
ޢަރަފާތު ދުވަހު، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހެނދުނު ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދިވެހި ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން އެދިވަޑައިގެން ދުޢާދަންނަވާފައެވެ. މިޕޯސްޓުގައި، ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވައި، ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރެއްވުން އެދި ރައީސް ދުޢާ ދަންނަވާފައިވެއެވެ. އަދި އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވައި، ދުނިޔެއާއި އާޚިރަތުގައި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.
ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވާށި. ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރައްވާށި. އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާށި. ދުނިޔެއާއި އާޚިރަތުގައިމެ، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލަހައްޓަވާށި. ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިޢުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވާށި. އާމީން
ރައީސްގެ ދެކަނބަލުން، މިވަގުތު ތިއްބެވީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.