Article Image

އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ރައީސް މުޢިއްޒު ކުށްވެރިކުރައްވައިފި

އިސްރާއީލުން ރޭ އީރާނަށް އަމާޒުކޮށް ދިން ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

މި ހަމަލާތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ އީރާނަށް ޔަހޫދީން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އުފެދިގެންދާނެ ކަމަށާއި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަނިޔާވެރި ޔަހޫދީންގެ ހަމަލާތައް ދިވެހި ސަރުކާރުންވެސް ވަނީ ކުށްވެރިކުރައްވާފައެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔަހޫދީ ދައުލަތުގެ ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު މި އަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށާއި މި އަމަލަކީ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.