Article Image

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފޯރުކޮށްދެއްވި ދީލަތި މެހުމާންދާރީއަށްޓަކައި އެ ޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދެއްވި ދީލަތި މެހުމާންދާރީއަށްޓަކައި އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގްގެ އިތުރުން ސިންގަޕޫރު ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ.

އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުމުގެ ފަހުމުނާމާތަކުގައި ސޮއިކުރައްވާފައިވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. މި ފަހުމުނާމާތަކުގެ ތެރޭގައި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގެ އިތުރުން، ތަޢުލީމާއި ތަމްރީނުގެ އެކި މަރުޙަލާތަކުގައި އެހީތެރިވުމާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި، އެކި ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ދި‎ވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ސަބަބުން ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ފަހި ފުރުޞަތުތަކެއް ލިބޭނެކަމުގެ އުންމީދު އައުވެއްޖެ ކަމުގައިވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް 50 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން އެމަނިކުފާނު ވަނީ މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށޭނެކަމުގެ އިޝާރާތެއް ލިބިވަޑައިގެންފިކަން ފާހަގަކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިންގަޕޫރުގައި ކުރެއްވި މުހިންމު މަޝްވަރާތަކާއެކު، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ ރޫޙު އާލާވެއްޖެކަމަށް ދެ ޤައުމުންވެސް ޔަގީންކުރާ ކަމުގައި ވިދާޅުވެފައެވެ.