
ޞިއްޙީ ދާއިރާއަށް 47 އަހަރު ޚިދުމަތް ކުރެއްވި ކަރިމްބެ އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ
ޞިއްޙީ ދާއިރާއަށް 47 އަހަރު ޚިދުމަތް ކުރެއްވި ޚިދުމަތްތެރިޔާ، ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލްމީޑިއާ މެދުވެރިކޮށް ރައީސް ފޮނުއްވި ތަޢުޒިޔާ މެސެޖުގައި ވަނީ 47 އަހަރަށް ވުރެ ދިގު މުއްދަތަކު ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިޔާ، ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުގެ ހިތާމައިގާ،ބައިވެރިވެ އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
މަރުޙޫމު އަބްދުލްކަރީމްގެ ޚިދުމަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ގެއްލިގެން އެދިޔައީ އެ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ. އަދި ދިވެހި ދަޢުލަތަށް ދިގު މުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ވަނީ މަރުޙޫމަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާ ދަންނަވާފައެވެ.