Article Image

އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެބޮޑު އެއްފިލާވަޅަކީ މާތްﷲ ޙައްޤަށް ނަޞްރުދެއްވާނެކަން: ރައީސް

އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް ﷲ ޙައްޤަށް ނަޞްރުދެއްވާނެކަން ކަމަށާއި އެއީ ބިމުގެ ކުޑަ ކަމަކާ އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޝަހީދުންގެ ދުވަހާއި ގުޅިގެން ޤައުމާއި މުޚާޠަބު ކުރައްވާ އިއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ މިއަދު އަޅުގަނޑުމެން ބަލައިލަން ޖެހޭ އެއް ހަޤީޤަތަކީ އަލިރަސްގެފާނުގެ އީމާނުގެ މަތިވެރިކަމާއި، އެ ރަދުން ޤައުމާ މެދު އޮތް ލޯބީގެ ފުންކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ދަޢުލަތަށް ހުރި ވަފާތެރިކަން ކަމަށެވެ. އަދި ދިވެހިރައްޔިތުންނާ މެދު ޝަހީދު އަލި ރަސްގެފާނުގެ ހިތްޕުޅުގައި އޮތް ކުލުނާއި އިޙްސާންތެރިކަން ކަމަށެވެ.

 

މިއަދު އަޅުގަނޑުމެން ބަލައިލަން ޖެހޭ އަނެއް ހަޤީޤަތްތަކަކީ އަލިރަސްގެފާނުގެ އީމާނުގެ މަތިވެރިކަން. އެ ރަދުން ޤައުމާ މެދު އޮތް ލޯބީގެ ފުންކަން. ހިތްވަރުފުޅު ގަދަކަން. ދައުލަތަށް ހުރި ވަފާތެރިކަން. އަދި ދިވެހިރައްޔިތުންނާ މެދު ހިތްޕުޅުގައި އޮތް ކުލުނާއި އިޙްސާންތެރިކަން: ރައީސް މުޢިއްޒު

 

އެ ހަނގުރާމައަށް އަލިރަސްގެފާނާއި ލަޝްކަރު ފުރިހަމައަށް ތައްޔާރުވެ ވަޑައިގަންނަވާ ދިވެހީންގެ މައްޗަށް ހޯދައިދެއްވި ކާމިޔާބުގެ ތަފްޞީލް ރައީސް ވިދާޅުވެދެއްވިއެވެ.

 

މާލޭގެ ބުރުޒުތަކަށް ބަޑިބޭހާއި ހަތިޔާރު ލެއްވި. ބަޑިބޭސް ތައްޔާރުކުރަނީ ވެސް ދިވެހިން. ޕޯޗުގީޒުން ފުރަތަމަ ހަމަލާތައް ދެމުން ގެންދިޔައީ މާލޭގެ ބޭރުމަތީގައި ތިބެގެން. އެ މީހުންނާ ދިމާޔަށް މި ކޮޅުން ވެސް ބަޑި ޖަހަމުން ރައްދުދެމުން ގެންދިޔަ. ތާރީޚުން އެނގޭ ގޮތުގައި ހަނގުރާމަ ދިގުލައި ދިޔަ މުއްދަތުގައި ޕޯޗުގީޒުން ވެސް އެމީހުންނަށް މި ފަހަރު މާލެ ނޭރުނު ކަމަށް ނިންމި.  ކާބޯތަކެއްޗާއި އެހެނިހެން ވަސީލަތްތައް ވެސް މަދުވަމުންދާތީ ޚިޔާލުތަފާތުވުންތައް އުފެދުނު. މާލޭގައި ވެސް އާންމުންގެތެރޭގައި ފިތުނަވެރި ބައެއް ވާހަކަތައް ބައެއް މީހުން ފެތުރި. މި ފިތުނައިގެ ތެރޭން ދިވެހީން ގަދަވެފައި ވަނިކޮށް ކޮންމެ ވެސް މީހަކު ދެއްވި ވާހަކައެއް ފޭދިގެން ގޮސް އަމާން ދިން. އެ ހިސާބުން ޕޯޗުގީޒުން މާލެ އެރި.  އެ ވަރުން ވެސް އަލިރަސްގެފާނުގެ ހިތްވަރުފުޅަކަށް ޢަޒުމަކަށް އީމާނަކަށް ބަދަލެއްނައި. ގާތްގަނޑަކަށް ގިނިކަންޏާ ކަހަލަ ގޮތަކަށް އެންމެ ދެތިން މީހުންނާ އެކު މައިދާނަށް ނިކުމެވަޑައިގެން ޢަދުއްވުންނާ ކުރިމަތި ލައްވައި ޝަހީދުވި: ރައީސް މުޢިއްޒު

ޝަހީދު އަލިރަސްގެފާނުގެ ހިތްވަރުފުޅަށް ތަޢުރީފުކުރައްވާ ރައީސް ވިދާޅުވީ އަމިއްލަ ފުރާނަފުޅަށް ވުރެ ބޮޑަށް އަލިރަސްގެފާނުގެ އިސްކުރެއްވީ އިސްލާމް ދީން ކަމަށެވެ.  އެއާއިއެކު ޤައުމަށް ތެދުވެރިވުމާއި، ދަޢުލަތަށް ވަފާތެރިވުމާއި ރައްޔިތުން ސަލާމަތްކުރެއްވުން އަލިރަސްގެފާނަށް މާ މުހިންމުވިކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

 

އަމިއްލަ ފުރާނަފުޅަށް ވުރެ އިސްކުރެއްވީ ދީން.  ޤައުމަށް ތެދުވެރިވުން. ދައުލަތަށް ވަފާތެރިވުން. ރައްޔިތުން ސަލާމަތްކުރެއްވުން. ކޮން ފަދަ މަތިވެރި ނަމޫނާއެއްތޯ؟ ކޮން ފަދަ ހަރުދަނާ ޝަޚުޞިއްޔަތެއްތޯ؟ ކޮން ފަދަ ފުން ޤައުމީ ލޯތްބެއްތޯ؟ ދިވެހިރާއްޖޭގެ އަގުހުރި ރަސްރަސްކަލުން އަދުގެ ޖީލަށް ދެއްކެވީ މި ނަމޫނާ. ދެއްވީ މި ފިލާވަޅު.

ޙަޤީޤަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް ﷲ ޙައްޤަށް ނަޞްރުދެއްވާނެކަން. އެއީ ބިމުގެ ކުޑަ ކަމަކާ އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން : ރައީސް މުޢިއްޒު