Article Image

ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރުމުގެ ނިޒާމެއް އިމިގްރޭޝަނުން ޤާއިމުކޮށްފި

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް އިމިގްރޭޝަނުން ޤާއިމުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ވަނީ ސީޕޯޓު ޑިވިޜަނުން މިހާރު ވަނީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް)ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އަދި މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެކެވެ.

މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އިމިގްރޭޝަނުން ދެކެއެވެ.