Article Image

އިސްރާއީލުން ޣައްޒާގެ ކޮންޓްރޯލް ނެގުމަށް ރާވާފައިވާ ރޭވުން ހަރުކަށި އިބާރާތުން ރައީސް ކުށްވެރިކުރައްވައިފި

އިސްރާއީލުން ޣައްޒާ އެއްކޮށް ހިފައި އިސްރާއީލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް ކެބިނެޓުން ފާސްކުރުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން ކުށްވެރިކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ މިފަދަ އެއްވެސް އަމަލެއް ހިންގުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފު ޢަމަލެއް ކަމަށާއި، އޭގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤަށް ވަރަށް ބޮޑަށް އުނިކަން އަންނަކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން އެކަމުގެ ސަބަބުން އެއްކޮށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އިސްރާއީލުގެ އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހި ސަރަޙައްދީ ހަމަޖެހުމާއި އަމާންކަން ވެސް އިތުރަށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭން ފަލަސްޠީނުގެ ރައްޔިތުންނަށް އަބަދުވެސް ތާއީދުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ ޣައްޒާ އިސްރާއީލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށެވެ.

މިއާއިއެކު ރައީސް ވަނީ އިސްރާއީލުގެ މި އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް، އެކަން ވަގުތުން ވަގުތަށް ހުއްޓުވައިދޭން ބައިނަލްއަޤްވާމީ ޖަމާއަތްތަކަށާއި މުޖުތަމައުއަށް ގޮވާލައްވައިފަ އެވެ. އަދި އިޒުރޭލުގެ މި ލާއިންސާނީ އަމަލުތަކަށް އެމީހުން ޖަވާބުދާރީކުރުވުމަށް ވެސް ރައީސް މުޢިއްޒު ގޮވައިލެއްވިއެވެ.