
ބ. ''މާމަޑުއްވަރީ'' ހިތާދޫއާ ޙަވާލުކުރަން ސަރުކާރުން ނިންމުން: ރައްޔިތުންގެ ޝުކުރު ރައީސް މުޢިއްޒުއަށް!
މާޅޮސްމަޑުލު ދެކުނުބުރީ ''މާމަޑުއްވަރީ'' ހިތާދޫއާ ޙަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެެއްވުމާއެކު، ހިތާދޫ ރައްޔިތުންގެ ޝުކުރު ރައީސް މުޢިއްޒުއަށް ބަންޑުންކޮށްލިއެވެ.
މި ނިންމެވުން ރައީސް އިޢުލާނުކުރެއްވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ''މާމަޑުއްވަރީ'' އަކީ ތާރިޚަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤްތިޞާދީގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއްކަމަށާ، ނަމަވެސް މިހާރު ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ޙަވާލުކުރެވި ގިނަ ދުވަސް ވެފައިވާ ރަށެއްކަމަށެވެ. އެއީ އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
މިއާއިއެކު ހިތާދޫ ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތްބަލާލިއިރު ރަށުގެ ހުރިހާ ރައްޔިތުން ވަނީ މިކަމުގެ އުފާ ލިބިގަނެ ރައީސް ޑރ މުޢިއްޒުއާއި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ހިތާދޫ ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ ޙައްޤެއް ލިބުން ކަމަށާއި، ރަށުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެ ކަމެއް ކަމަށް އެރަށުން ވާހަކަދެއްކި ބޭފުޅުން ވިދާޅުވިއެވެ.
މިއީ ސަރުކާރުން ކޮށްދިން ވަރަށް މުހިންމުކަމެއް. އަޅުގަނޑުމެންގެ ކައިރީގައި މިވާ ރިސޯޓުތަކަށް ސަޕްލައި ކުރުންފަދަ ކަންކަން ކޮށްގެން އާމްދަނީ ހޯދޭނެ، މިއާއިއެކު މި 2 ރަށް ދަތުރުފަތުރުގެ ނިޒާމުން ގުޅާލަދޭނެ ކަމަށްވެސް އުންމީދުކުރަން އެ ޔަޤީންކަން އެބައޮތް، ރައީސް މުޢިއްޒުއަށް މިކަމުގެ ޝުކުރު އަދާކުރަން ވަރަށް ބޮޑަށް: ހިތާދޫ ރައްޔިތެއް
މިކަމުގެ ސަބަބުން ރަށުގައި ތިބެގެން ހިތާދޫ ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބިގެންދާނެ، އެއީ މިހާރު މިރަށަކީ އިތުރު އާމްދަނީއެއް ލިބޭނެ ވަސީލަތެއް އޮތް ތަނަކަށްނުވާތީ، ރައީސް މުއިއްޒު މިދެއްވި ފުރުސަތަށް ނިހާޔަތަށް ޝުކުރުވެރިވަން: ހިތާދޫ ރައްޔިތެއް
ޙަޤީޤަތުގައި މާމަޑުއްވަރީ އަކީ ހިތާދޫ ރައްޔިތުންގެ ވަޤުފް ރަށެއް، އޭގެ ލިޔެކިޔުން އެހުރީ މީސްމީހުން އަތުގައި ފެންނަން. ދިމާވިގޮތަކުން ވަކިވެ ގޮސްފައި އެއޮތީ ޒަމާންތަކެއް ވަންދެން. ދެން ރައީސް މުޢިއްޒުގެ ވެރިކަމުގައި މިދެއްވީ އަޅުގަނޑުމެންނަށް މިރަށް. ވަރަށްބޮޑަށް އުފާކުރަން މިކަމާ: ހިތާދޫގެ ދޮށީއުމުރު ބޭފުޅެއް
މީގެ އިތުރުން މަޝްހޫރު ޒުވާން ދީނީ ޢިލްމުވެރިޔާ ޝެއިޚް އާޒިމް ޚާލިދުވެސް ވަނީ މިކަމުގެ ޝުޢޫރު ފާޅު ކުރައްވާފައެވެ. އެއީ ހިތާދޫ އަކީ ޝެއިޚްގެވެސް އުފަންރަށަށް ވުމާއިވެސް އެކުގައެވެ.
މާމަޑުއްވަރީގެ ތާރީހަށް ބަލާއިރު އެރަށަކީ ސީދާ ހިތާދޫ ރައްޔިތުންނަށް ދައުލަތުން ފަތްލިޔެ ދީފައިވާ ރަށެއްކަމަށް ތާރީހީ ބޭފުޅުންގެ ލިޔުންތަކުން އެނގެއެވެ. މިއަދު މީ ހިތާދޫ ރައްޔިތުންނަށް އުފާވެރި ދުވަހެއް: ޝެއިޚް އާޒިމް ޚާލިދު

ޝެއިޚް އާޒިމް ޚާލިދު ކުރެއްވި ޕޯސްޓް.
ހިތާދޫގެ ތަރައްޤީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވަޢުދުތަކަށް އިޝާރާތްކުރައްވައި، އެވަޢުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ހަތަރު ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ގެންދަވަނީ މިފަދައިން ރަށްރަށަށް އާމްދަނީ ލިބެންހުރި ހުރިހާ ދޮރުތައް ހުޅުއްވައިދެއްވާ ރައްޔިތުންނާއި، ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.