Article Image

ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އޭ.ޑީއެފް.ޑީ ގެ ޑިރެކްޓަރ ޖެނެރަލް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙަންމަދު ސައިފް އަލް ސުވައިދީ މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގައި ދުބާއީގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޑިރެކްޓަރ ޖެނެރަލް ވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ ތަރައްޤީއަށް އަބޫދާބީ ފަންޑުން ދޭ ދީލަތި އެހީތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާދެއްކެވި ވާހަކަފުޅުގައި، މި ފަންޑުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑިރެކްޓާ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޑިރެކްޓަރ ޖެނެރަލް ވަނީ މި ފަންޑުގެ އެހީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ޞިއްޙީ ދާއިރާއާއި، އިޤްތިޞާދީ ދާއިރާގެ އިތުރުން ރާއްޖެ ތަރައްޤީކުރެވޭނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގެ ދުބާއީގައި މިމަހުގެ 12 އިން 14 އަށް ބާއްވާ ވަރލްޑް ގަވަރމަންޓް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދުބާއީއަށް  ފުރާވަޑައިގެންނެވީ ފެބްރުއަރީ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީ. ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ވަރލްޑް ގަވަރމަންޓް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ސަމިޓަށް ވަޑައިގަންނަވާ ބައެއް ޢިއްޒަތްތެރިންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ފެބްރުވަރީ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.