ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ޚާއްސަ ސަމާލުކަމެއްދޭ: ފަސްޓްލޭޑީ
ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދެމުންގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓްލޭޑީ މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ ނުވަ ވަނަ 'އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ' ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ނިއުޔޯކުގައި އ.ދ. ގެ މައި މަރުކަޒުގައި ފެބުރުވަރީ 8-9 ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދެމުންގެންދާކަމުގައި ވިދާޅުވިއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅަމުންދާކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއްނެތި އިޖުތިމާއީ، އިޤްތިޞާދީ، އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް އެއްހަމައަކުން، ހަމަހަމަ ފުރުޞަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރު (ނަންބަރު (A/RES/70/212:ގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހެކެވެ.
މިއީ ސައިންސްގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގޮވާލާ މިދާއިރާގައި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ފުރުޞަތެއްވެސް މެއެވެ.