Article Image

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މުޙައްމަދު ޢުމަރު މަނިކު (ނ.ޢ.ޢ.ވ) އަވަހާރަވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައިރައީސް ވިދާޅުވެފައިވަނީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި އެމަނިކުފާނު ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށެވެ.

މީގެ އިތުރުން، މަރުޙޫމް މުޙައްމަދު ޢުމަރު މަނިކު ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު ކަމަށް ވިދާޅުވެ މުޙައްމަދު ޢުމަރު މަނިކަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި ޚިދުމަތްތެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ މުޙައްމަދު ޢުމަރު މަނިކުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގައި އެންމެ ގިނަ ޓޫރިސްޓް ރިސޯޓްތައް ހިންގަވަމުންގެންދަވާ އެއް ބޭފުޅާއެވެ. އެމްޔޫ މަނިކަކީ 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓެއް ތަރައްގީކޮށް ހުޅުވީ މީގެ ގާތްގަނޑަކަށް 53 އަހަރުކުރިންނެވެ. ކުރުނބާ ވިލެޖްގެ ނަމުގައި ހުޅުވި އެ ރިސޯޓަކީ ބުނެވޭގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމެވެ. މުރަކައާއި ރުކާއި ރުކުގެ ފަނުން ފަރުމާކުރި ކޮޓަރިތަކުން ފެށި ކުރުނބާ ވިލެޖް މިއަދު ވަނީ ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާވެފައެވެ. މި ރިސޯޓުގެ ޚިދުމަތްތައް ފަސް ތަރީގެ ފެންވަރަކަށް ތަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި، އަދި މި ރިސޯޓު ހިންގާ ޔުނިވާސަލް ކުންފުނީގެ ޗެއާމަން މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.

މަރުޙޫމު މުޙައްމަދު އުމަރު މަނިކު ދިވެހި ދަޢުލަތަށާއި، ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރައްވައި އޭނާ އަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވާފައިވަނީ 2011 ވަނަ އަހަރުގައެވެ.

އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުފުޅުން 78 އަހަރުގައެވެ.

މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި، ފަތުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ގިނަ ބަޔަކު ދަނީ ތަޢުޒިޔާ ފޮނުވަމުންނެވެ.