Article Image

މިނިވަން ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުރުޞަތު ދެވޭނީ މިވަރަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ އޮފީސް ކޮޅުން ނުކުމެވަޑައިގެން ގެއަށް ވަޑައިގެން މަގުމަތީގައި އެ މަނިކުފާނުގެ ފަހަތްޕުޅުން އައި ނޫސްވެރިންތަކެއްގެ ފަރާތުން ފެނުނީ ހަޑި އަމަލުތަކެކެވެ. ހަޑިވީ ރައީސްގެ ފަސް ފަހަތުން ސުވާލުކުރަމުން ދިއުމަކުން ނޫނެވެ. ރާއްޖޭގެ ހަތަރުވަނަ ބާރުގެ ވެރިންގެ ފަރާތުން ފެނުނީ އަމުރުވެރިކަމެވެ. ރައީސްގެ ހަށިފާރަވެރިން ފޮޅާލުމަށްފަހު ރައީސްގެ ކުރިފުޅު މައްޗަށް އަރައި ހުރަސްއަޅަން އުޅުމެވެ. ފަހަތުން ބާރަށް ހަޅޭއްލަވަމުން ދުވުމެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ޚާއްޞަ އަދި މާބޮޑު އިޙުތިރާމެއް ކުރަންޖެހޭ މީހެއް ނޫން ކަމަށް ދެކި، އެ މަނިކުފާނު "ހަވަރަށްދެއްވަން" އުޅުނުފަދަ އަޚުލާޤެވެ. މިއީ އަދި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަމާއިގުޅިގެން ކުރިއަށްގެންދެވުނު މަޝްވަރާ ބައްދަލުވުމަށްފަހު ރައީސް ނުކުމެވަޑައިގެންނެވުމުން ބައެއް ނޫސްވެރިންގެ ޢަމަލުތައް ހުރިގޮތުގެ ވާހަކައެވެ. އެ މަންޒަރު ހަޑިވީ ސަރުކާރަށް އެކަންޏެއް ނޫނެވެ. އާންމުންނާއި ޚުދު ބައެއް ނޫސްވެރިންނަށްވެސް އެ މަންޒަރު ބަލައިގަންނަން ދައްޗެވެ. އެކަމާ ދެކޮޅެވެ.

ނޫސްވެރިން ނުރުހުންވެފައި ތިބީ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރަކު މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާ ގުޅިގެންނެވެ. އެ ބޭފުޅުންގެ ބަހުން ނަމަ އެއީ "މީޑިއާ ކޮންޓްރޯލް ކުރަން" އުޅޭ ބިލެކެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން އެ ބިލަށް ތާއީދުކުރައްވާކަން ހާމަކުރެއްވި ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް ބަލައިގެންނެވި އެވެ. ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެ މަނިކުފާނުގެ ހަމައެއް ނޫންކަން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަން އެ މަނިކުފާނު ގެންދަވަނީ އަމަލުންވެސް ސާބިތުކޮށްދެއްވަމުންނެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު މީހުން އެއްވުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރައީސް އޮފީސް ދޮށާއި ރައްޔިތުންގެ މަޖިލިސް ދަޮށަށް ދިއުމުން ފުލުހުން ނޫސްވެރިން ފަހާ ފޮނުވައެއް ނުލަ އެވެ. މިރުސް ދުމާއި ކަރުނަގޭހެއް ނުޖަހައެވެ. ބަރު ހަތިޔާރާއެކު ފުލުހުން ނެރެ, ނޫސްވެރިން ހައްޔަރުކޮށްގެން ނުގެންދެއެވެ. އޭގެ ބަދަލުގައި އެތަނުގައި ހިމޭން އިހުތިޖާޖެއް ކުރުމުގެ ފުރުސަތު ދިނެވެ. ރައީސް އޮފީސް ދޮށަށް އެއްވި ނޫސްވެރިން ގަދަކަމުން އެތަނުން ފޮނުވާލީ އެތައް އިރެއްވީ ފަހުންނެވެ. ރަސްމީ ގަޑީގައި ރައީސް އޮފީހުގެ ދޮރު ބަންދުކޮށްގެން ތިބުމާއި ދެންމެ ދެންމެގޮސް ރައީސް އޮފީހުގެ ގޭޓަށް އަރާފާނެހެން ހީވާ ހިސާބަށް ކަންތައް ދިއުމުންނެވެ. އެ ފަހުން މީޑިއާތަކަށް ޚާއްޞަ ކޮށްފައިވާ ފެންޑާގައި ތިބެގެންވެސް ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު ސަރުކާރުން ގެންދިޔައީ ދެމުންނެވެ.

ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން ރައީސް ވަނީ އެ ބޭފުޅުންނާ ބައްދަލުވެސް ކުރައްވައިފަ އެވެ. އެ މަނިކުފާނު އިސްކުރެއްވީ މަޝްވަރާގެ ރިވެތި އުސޫލެވެ. ނޫސްވެރިންގެ ޖަމިއްޔާގެ އެދިވަޑައިގަތުމަކަށް ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައިވެސް ރައީސް ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ. އެއް ގަޑިއިރަށްވުރެ ގިނައިރަށް ދެމިގެންދިޔަ އެ ބައްދަލުވުމުގައި، ނޫސްވެރިންގެކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި މި ސަރުކާރަކީ ސަތޭކަޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވައި ގިނަކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިމީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެފަރާތުން އިސްލާޙު ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި އިރު, ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން މީޑިއާތަކާ ބައްދަލުކުރައްވާނެކަން އިއުލާންކޮށްފައެވެ. އަދި ނޫސްވެރިންނާއި މީޑިއާތަކާ ދެކޮޅަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަ ރައީސް ވަނީ ކުށްވެރި ކުރައްވައިފައެވެ. އަދި އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ވަރަށްވެސް ސާފެވެ. މީޑިއާ ކޮންޓްރޯލް ކުރުމުގެ ވިސްނުންފުޅެއް އެ މަނިކުފާނުގެ ނެތެވެ. ނަމަވެސް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެއް އޮވެ އެވެ. މިނިވަންކަން އޮންނަންވާނީ ވަކި ހުދޫދެއްގެ ތެރޭގައެވެ. އަނެކާގެ ޢިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫނެވެ.

ޤާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށްވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް އޮތެއްކަމަކު، ޙަޤީޤަތެއް ނުބަލައި ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫނެވެ.