Article Image

ރައީސް މުޢިއްޒުއަށް ޗައިނާއިން ހޫނު މަރުޙަބާއެއް ކިޔައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް އެ ޤައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރައީސް ޗައިނާއަށް ވަޑައިގެންނެވީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް, ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރޭގެ ވަގުތެއްގައެވެ.

ރައީސް ޗައިނާއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ޗައިނާއިން މަރުޙަބާ ދެންނެވީ އެ ޤައުމުގެ އެމަޖެންސީ މެނޭޖްމަންޓް މިނިސްޓަރު ވަންގ ޝިއާންގްޒީ އާއި ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބު އަދި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއާންހުއާއެވެ.

އޭގެ އިތުރުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބެއިޖިންގ ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓުގައި އޮނާ ގާޑަކާއެކު އެ މަނިކުފާނުގެ ޝަރަފުގައި އެ ޤައުމުގެ ސަގާފީ ހުށަހެޅުންތަކެއް ހުށަހަޅައިދީފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ވަކީން ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ 6 ޤައުމަކުން އެކުލަވާލާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. 2001 ވަނަ އަހަރު އެ ޖަމުޢިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ. ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ. އަދި އޮބްޒަރވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ޤައުމުތައް ހަރަކާތްތެރިވެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެކެވެ.