
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައި ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގއާ ބައްދަލުކުރައްވައިފިއެވެ.
ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި މިއަދު ހެނދުނު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް މަރުޙަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ، ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
އަދި ރައީސް ޑރ. މުޢިއްޒު ވަނީ، ރަސްމީ ދަތުރުފުޅެއްގައި ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފާވެރިކަން ހިއްސާކުރައްވައި، އެ މަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއާއި ދެއްވި ދައުވަތާއި ދީލަތި މެހެމާންދާރީއަށްޓަކައި، ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024 -2028)" ގެ ދަށުން ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްވެސް ދެ ޤައުމުގެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެ ފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރު ކޮށްދެއްވަމުންނެވެ.