Article Image

ރައީސުލްޖުމްހޫރިއްޔާ، މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމް އާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް އަށް ފޮނުއްވައިފިއެވެ.

މި ދެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މި އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމުގައި ވިދާޅުވިއެވެ.

އަދި ރާއްޖެއާއި މެލޭޝިއާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިރުރަށް ބަދަހިވެ، އިޤްތިޞާދީ ގޮތުން އެ ގުޅުން ފުޅާވެ، ދެ ޤައުމުގެ ރައްޔިތުންނަށްވެސް އިތުރު ފުރުޞަތުތައް ލިބިގެންދާނެކަމުގެ ޔަޤީންކަން އެބަ އޮތްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މެލޭޝިއާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، މެލޭޝިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.