Article Image

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު 63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލް މެޗު އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ

މި ރަސްމިއްޔާތުގައި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ހުރިހާ އިވެންޓެއްގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމްތަކަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމްއެވެ. ރަފާ ވަނީ ފައިނަލުގައި މިދިޔަ ފަސް އަހަރު ޗެމްޕިއަންކަން ހޯދި ފާތިމަތު ދީމާ އަލީގެ މައްޗަށް 4-0 ސެޓުން ކުރި ހޯދާފައެވެ.

ފިރިހެން ސިންގަލްސްއަށް ބަލާއިރު، މުހައްމަދު ޝައްފާން އިސްމާއިލްވަނީ މޫސާ މުންސިފްގެ މައްޗަށް 4-1 ސެޓުން ކުރި ހޯދާފައެވެ. މިއީ ޝައްފާން ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ.

އޮގަސްޓް 25 އިން 30އަށް ކުރިއަށްދިޔަ މި މުބާރާތުގައި 95 ކުޅުންތެރިން އެކި ކެޓަގަރީތަކުގައި ވާދަކުރިއެވެ. އެއީ 58 ފިރިހެން އަދި 37 އަންހެން ކުޅުންތެރިންނެވެ. މުބާރާތުގައި 350އަށްވުރެ ގިނަ މެޗުވަނީ ކުޅެފައެވެ.