Article Image

ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނަށް އަމާޒުކޮށް 'އުނގެނެމާ' ނަމުގަ ޕްރޮގްރާމެއް ފަށައިފި

އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނާއި ބަންދު ކޮށްފައިވާ ކުދިންނަށް އަމާޒު ކޮށްގެން 'އުނގެނެމާ' ނަމުގަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2025 އިން 20 ސެޕްޓެމްބަރ 2025އާ ހަމައަށެވެ.

'އުނގެނެމާ' ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ޤާނޫނާއި ޤަވާއިދާއި ނަފުސާނީ ދުޅަހެޔޮކަމާއި ޕަރސަނަލް ޑިވޮލޮޕްމަންޓް ކްލާސްތަކާއި، ނަމާދާ ބެހޭ ވޯކްޝޮޕް އަދި ދީނީ ދަރުސްތައް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދުތަކަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އުފެއްދުމާއި، އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، މި ދީނުގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށް ހެދުންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން ބުނެއެވެ.

މީގެއިތުރުން މި ޕްރޮގްރާމްގެ ބޭނުމަކީ ނަފުސާނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އަމިއްލަ ނަފްސު ދެނެގަނެ ބަލައިގަންނާނެ ގޮތް ބުނެދިނުމާއިއެކު، ތަފާތު ތިޔަރީތަކުގެ އަލީގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކޮށް، ޙުކުމް ތަންފީޛުކުރަމުންދާ ނުވަތަ ބަންދު ކޮށްފައިވާ ކުދިންނަކީ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ބައެއް ނޫންކަން އެކުދިންނަށް އިޙްސާސްކޮށްދިނުން ކަމަށްވެސް އެވުޒާރާާއިން ބުނެފައިވެއެވެ.

މިއާއިއެކު، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ޤާބިލުކަން އުފެއްދުމާއި އެނގެންޖެހޭ ޤާނޫނާއި ޤަވާއިދުތައް ބުނެދީ، ކުދީންގެ އަޚްލާޤާއި ސުލޫކަށް އެދެވޭ ބަދަލުތަކެއް ގެނެސް، ޤާނުނާއި ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށް ބާރުއެޅުމަކީވެސް މި ޕްރޮގްރާމުގެ އެއް ބޭނުން ކަމަށާއި، އަދި މި ކުދިންނަކީ މުޖުތަމަޢަށް އަނބުރާ ނުކުންނައިރު، ދީނީ ގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބި، އަމިއްލަ ނަފުސަށް އިތުބާރު ކުރާ މުޖުތަމަޢު ޤަބޫލުކުރާ، ނަފުސާނީ ގޮތުން ހޭލުންތެރި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބައި އަދި ކުށުގެ ވެށިން ދުރުހެލިވެފައިވާ ބަޔަކަށް ހެދުމަކީވެސް މި ޕްރޮގްރާމުގެ މަގްސަދު ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.