Article Image

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގެންފިއެވެ.

މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މި ސަމިޓް ކުރިއަށްދަނީ ދުބާއީގެ މަދީނަތު ޖުމެއިރާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.