
އ.ތ.މ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް، ރޯދަ އިނާޔަތް ކައުންސިލް ބަޖެޓުން ދިނުމަށް ރައީސް ނިންމަވައިފި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން ދެ ކަމަކަށް ބަދަލު ގެންނެވުމަށް އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ އ.ތ.މ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި ކައުންސިލުގެ ބަޖެޓުން 10 އިންސައްތަ ހާއްސަކުރުމެވެ. އ.ތ.މ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި ކައުންސިލުގެ ބަޖެޓުން މިހާރު ދެމުން އަންނަނީ ފަސް އިންސައްތައެވެ. އެހެންކަމުން މިއީ ދެގުނަ ބޮޑުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ނިންމެވި އަނެއް ބަދަލަކީ އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް, އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސެވުމެވެ.
އަންނަ ރަމަޟާން މަހުން ފެށިގެން އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދެވުމަށް ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގެ ދަށުން އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާގެމަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސް ވެސް ދޭންޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެ އިސްލާހު ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިސްލާހު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތަސްދީގު ކުރައްވައިފައެވެ.