Article Image

އައްޑޫސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަޤުސަދުގައި އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ތަރައްޤީކުރަން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ޗައިނާގެ ބެއިޖިންގެ, ވަންގްފުޖިންގް ހިލްޓަން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމު އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އިން ބުނީ, އެ މަޝްރޫއުއަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް އާ ދޮރެއް ހުޅުވައިދޭނެ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ފެށުމުގެ މައިގަނޑު މަޤުސަދަކީ އައްޑޫސިޓީގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުން ކަމަށްވެސް ވުޒާރާ އިން ބުނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އިން ބުނީ, އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ ތަފްސީލީ މާސްޓަ ޕްލޭނާއި މާލީ އަދި އިޤުތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލް އާއި ފައިނޭންސް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.