
ރަށުގެ ބޮޑުމިނަށް ރިޢާޔަތްކޮށްގެން ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމުގައި ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރެވޭ ގޮތަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް ފޯރުކޮށްދިނުމުގައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަސްތަކަށް ލިބޭވަރު މަދު ކަމަށެވެ.
އާބާދީ ކުޑަ ނަމަވެސް, ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫން ކަމަށާއި އެހެންކަމުން ބްލޮކް ގްރާންޓްގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން, އެ ކައުންސިލްތަކަށް ގެއްލުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ފިސްކަލް ފޯމިއުލާ މުރާޖައާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް, 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ވާނީ ނިންމާފައި," ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.