Article Image

ރައްޔިތުން ބޭނުންނުވާ ކަމެއް މި ސަރުކާރުން ނުކުރާނަން: ރައީސް

ރައްޔިތުން ބޭނުންނުވާ ކަމެއް މި ސަރުކާރުން ނުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ, ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ހިންގެވުމަށް ނިންމެވި ބިންހިއްކުމުގެ މަޝްރޫއު ހިންގަން މިހާރު އެ ރަށު ރައްޔިތުން ބޭނުން ނުވާތީ, ދެން އެ މަޝްރޫއު ކުރިއަށް ނުގެންދަވާނޭކަން އިޢުލާންކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ, ރާއްޖޭގެ ރަށްރަށުގައި އެކި މަސައްކަތްތައް ހިންގެވުމަށް ވައުދުވެވަޑައިގަންނަވަނީ, އެ ރަށެއްގެ ރައްޔިތުން އެ ކަންކަމަށް އެދުމުން ކަމަށާއި ރައްޔިތުން ބޭނުން ނުވާ ކަމެއް, މި ސަރުކާރަކުން ނުކުރައްވާނޭ ކަމަށެވެ. އެހެންކަމުން, ދޮންފަނު ބިންހިއްކުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވާ ނަމަވެސް, ބިންހިއްކުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ބަދަލުވެފައިވާތީ, އެ މަސައްކަތް ކުރިއަށް ނުގެންދަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.